ޔޫރޯގެ ކުރިން އޭނާގެ ކުރިމަގު އޮތީ ކޮން ކްލަބެއްގައި ކަން އާއްމު ކުރާނެ ކަމަށް ފްރާންސްގެ ސުޕާސްޓާ ކިލިއަން އެމްބާޕޭ ހާމަކޮށްފިއެވެ.
މި ސީޒަން ނިމުމުން އެމްބާޕޭ މިހާރު އޭނާ ކުޅެމުން އަންނަ ކްލަބު ކަމުގައިވާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އިއުލާނު ކުރުމާއެކު, އޭނާ ދެން އަންނަ ސީޒަނަށް ސޮއި ކުރާނީ ކޮން ކްލަބަކަށްތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެމްބާޕޭ ރެއާލް މެޑްރިޑަށް ސޮއި ކޮށްފި ކަމަށް ބައިވަރު ފަރާތްތަކުން ލަފާ ކުރަމުން އަންނަކަމުގައިވިއަސް އެކަމާ ބެހޭ ގޮތުން އެމްބާޕޭގެ ފަރާތުން އެއްވެސް ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އެމްބާޕޭ ހާމަ ކުރި ގޮތުގައި އޭނާގެ ކުރިމަގު އޮތީ ކޮން ކްލަބަކާއެކީ ކަން މިއަހަރުގެ ޖޫން މަހު ފަށާ ޔޫރޯގެ ކުރިން އޭނާ އާއްމު ކުރާނެއެވެ.
"ޔޫރޯގެ ކުރިން އަހަރެންގެ ކުރިމަގު އޮތީ ކޮން ކްލަބަކާ އެކުކަން އަހަރެން އިއުލާނު ކުރާނަން" އޭނާގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަދައްކަމުން އެމްބާޕޭ ބުންޏެވެ.
އެމްބާޕޭއަކީ މި ވަގުތު ފުޓުބޯޅަ ދުނިޔޭގައި އެންމެ އަލިގަދަ އެއް ތަރިއެވެ. އޭނާ ވަނީ މި ސީޒަނުގައި ޕީއެސްޖީއަށް 38 މެޗު ކުޅެދީ 38 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާ ވަނީ ޕީއެސްޖީގައި އޭނަ ހޭދަކުރި 7 ސީޒަނުގައި އެކްލަބަށް 294 މެޗު ކުޅެދީ 250 ލަނޑު ކާމިޔާބު ކޮށްދީފައެވެ.