ސްޕެއިންއާއި ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗު 3-3 އިން އެއްވަރުވެއްޖެއެވެ.
ރެއާލް މެޑްރިޑުގެ ދަނޑު ކަމުގައިވާ ސަންޓިއާގޯ ބާނިބާއޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ސްޕެއިންއެވެ. އެ ގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑަކީ ސްޕެއިންގެ މިޑްފީލްޑަރި ރޮޑްރީ, ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗުގެ 36 ވަނަ މިނެޓުގައި ސްޕެއިންގެ ޑެނީ އޮލްމޯ ވަނީ ލަނޑު ޖަހާ, އެޓީމުގެ ލީޑު ދެގޯލަށް އިތުރުކޮށްފައެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ބްރެޒިލްގެ ރޮޑްރީގޯ ވަނީ ލަނޑެއް ޖަހާ ސްޕެއިންގެ ލީޑު ކުޑަކޮށްފައެވެ. ރޮޑްރީގޯގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-1 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބްރެޒިލް ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ 50 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޒުވާން ތަރި އެންޑްރިކްއެވެ.
ސްޕެއިންއަށް މެޗުގެ ލީޑު ނެގުނީ މެޗުގެ 87 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. މި ޕެނަލްޓީ ކާމިޔާބު ކުރީ ސްޕެއިންގެ ފުރަތަމަ ޕެނަލްޓީ ވެސް ކާމިޔާބު ކުރި ރޮޑްރީއެވެ.
ބްރެޒިލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލޫކަސް ޕަކޭޓާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ޕަކޭޓާގެ ލަނޑާއެކު މެޗު ނިމުނީ ދެޓީމުންގެ މެދުގައި އެއްވެސް ފަރަގެއް ނެތި 3-3 އިން އެއްވަރުވެގެންނެވެ.