އިނގިރޭސި ޕްރިމިއާ ލީގުގައި ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ އަތުން 1-1 އިން މެންޗެސްޓާ ޔުނައިޓެޑު އެއްވަރުވެއްޖެއެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުހެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންނުދިޔަ ކަމުގައިވިއަސް ދެ ޓީމަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޔުނައިޓުންނެވެ. މި ލަނޑަކީ މެޗުގެ 79 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފޯވާޑް އެންތޮނީ ކާމިޔާބުކޮށްދިން ލަނޑެކެވެ. ޔުނައިޓެޑަށް މެޗުގެ ލީޑު ހިފެހެއްޓުނީ އެންމެ އަށް މިނެޓަށެވެ. މެޗުގެ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ޒެކޯ އަމްޑޫ ވަނީ ބާންލީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ބާންލީގެ ލަނޑަށް ރައްދެއް ނުދެވުމާއެކު ޔުނައިޓެޑަށް ވަނީ އެއް ޕޮއިންޓުން ފުއްދާލައިގެން މެޗު ނިންމާލާށެވެ.

މެޗުން އެއްވަރުވުމާއެކު ޔުނައިޓެޑަށް ވަނީ ޗެމްޕިއަންސް ލީގުގެ ފުރުސަތު އެއްކޮށް ގެއްލިފައެވެ. ޔުނައިޓެޑު އޮތީ ކުޅުނު 34 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. ޔުނައިޓެޑު ހިފަހައްޓާލި ބާންލީ އޮތީ ކުޅުނު 35 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ.

ޕްރިމިއާ ލީގުގައި ރޭގައި ކުޅުނު އެހެން މެޗަކަށް ބަލާލާއިރު ޗެލްސީ އާއި އެސްޓަން ވިލާ ކުޅުނު ވާދަވެރި މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ޑިފެންޑަރު ކުކުރެއްލާ އަތުން ބައިކޮޅަށް ވަތް ލަނޑަކާއި މޯގަން ރޯޖާސް ކާމިޔާބު ކޮށްދިން ލަނޑަކުން ކުރީގައި އޮތް އެސްޓަން ވިލާ އަތުން ޗެލްސީ އެއްވަރުކުރީ, ދެވަނަ ހާފުގައި މަޑުއޭކޭ އަދި ކޮނާ ގެލެގާ ކާމިޔާބު ކޮށްދިން ދެ ލަނޑުންނެވެ.