ޖަރުމަނު ބުންޑަސްލީގާގައި ސްޓުޓްގާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރާ 2-2 އިން އެއްވަރުކޮށް, ބަޔާ ލެވަކޫސަންގެ ބަލިނުވާ ރެކޯޑު 46 މެޗަށް އިތުރުކޮށްފިއެވެ.

ލެވަކޫސަންގެ ދަނޑު ކަމުގައިވާ ބޭއެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ސުޓްޓްގާޑްއެވެ. މެޗުގެ ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސް ފުރިޗްއެވެ. އޭގެ ނުވަ މިނެޓު ފަހުން ޑެނިޒް އުންޑަވް ވަނީ ސްޓުޓްގާޑުގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ.

ދެ ގޯލު ދަށުގައި އޮތް ލެވަކޫސަންއަށް ސުން ކަނޑާލެވުނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެލެކްސް ގްރިމަލްޑޯ ފަހިކޮށްދިން ފުރުސަތަކުން އަމިން އަޑްލީ ކާމިޔާބު ކުރި ލަނޑެކެވެ.

ލެވަކޫސަންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ހަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޮބާޓް އަންޑްރިޗްއެވެ. ފަހު ވަގުތު އަންޑްރިޗް ޖެހި ގޯލާއެކު މެޗު އެއްވަރުވެ, ޒަބީ އެލޯންސޯގެ ލެވަކޫސަންގެ ބަލިނުވާ ރެކޯޑު ވަނީ 46 މެޗަށް އިތުރުވެފައެވެ.

ބަލިނުވާ ކަމުގެ ރެކޯޑު ދެމެހެއްޓުން ކަމުގައިވިއަސް, މި މެޗުން އެއްވަރުވުމާއެކު ލެވަކޫސަންއަށް ވަނީ ބުންޑަސްލީގާ ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދި ކްލަބު ކަމުގެ ރެކޯޑު ހެދުމުގެ ފުރުސަތު ގެއްލިފައެވެ. މި ވަގުތު އެ ރެކޯޑު އޮތީ, 2012-2013 ވަނަ އަހަރުގެ ސީޒަނުގައި 91 ޕޮއިންޓު ހޯދި ބަޔާން މިއުނިކް އަތުގައެވެ.

ބުންޑަސްލީގާގެ ތަށި ޔަގީން ކޮށްފައިވާ ލެވަކޫސަން އޮތީ, ކުޅުނު 31 މެޗުން ލިބުނު 81 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ބަޔާން މިއުނިކަށް ލިބިފައިވަނީ 69 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ރޭގެ މެޗުގައި ލެވަކޫސަން އަތުން އެއްވަރުވި ސްޓުޓްގާޑެވެ. އެ ޓީމު ތިންވަނައިގައި އޮތީ ކުޅުނު 31 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ.