ފްރެންޗު ލީގުގައި ލުއާވްރޭއިން 3-3 އިން ވަރުގަދަ ޕީއެސްޖީ ހިފަހައްޓާލައިފިއެވެ.

ޕީއެސްޖީގެ ދަނޑު ކަމުގައިވާ ޕާކް ޑެ ޕްރާންސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ލުއާވްރޭއެވެ. މި ލަނޑަކީ މެޗުގެ 19 ވަނަ މިނެޓުގައި ކްރިސްޓޮފާ އޮޕެރީ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ލުއާވްރޭއަށް އެ ޓީމުގެ ލީޑު ހިފެހެއްޓުނީ އެންމެ ދިހަ މިނެޓަށެވެ. މެޗުގެ 29 ވަނަ މިނެޓުގައި ޕީއެސްޖީގެ ބާކޯލާ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް 38 ވަނަ މިނެޓުގައި އާންޑްރޭ އާޔޫ ވަނީ ލުއާވްރޭއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. އާޔޫގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-1 އިން ލުއާވްރޭ ކުރީގައި އޮވެގެންނެވެ.

ޕީއެސްޖީއަށް ކަންކަން ގޯހުން ގޯހަށް ދިޔައީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަބްދުލާއީ ޓޯރޭ ލުއާވްރޭގެ ލީޑު ދެ ގޯލަށް އިތުރުކުރުމުންނެވެ. ލުއާވްރޭ ދެ ގޯލުގެ ލީޑެއް ނެގުމާއެކު ޕީއެސްޖީ ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް, މެޗުގެ 78 ވަނަ މިނެޓުގައި ލަނޑު ޖަހާ ލުއާވްރޭގެ ލީޑު އެއް ގޯލަށް ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓީމުގެ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ.

ޕީއެސްޖީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ގޮންޒާލޯ ރާމޯސްއެވެ. ރާމޯސްގެ ގޯލާއެކު ޕީއެސްޖީއަށް ވަނީ ނަތީޖާ ހަމަހަމަކޮށް އެއް ޕޮއިންޓާއެކު މެޗު ނިންމާލެވިފައެވެ.

މެޗުން އެއްވަރުވިކަމުގައި ނަމަވެސް ޕީއެސްޖީ އޮތީ, ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މޮނަކޯއަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. ޕީއެސްޖީ މަތަކޮށްލި ލުއާވްރޭ އޮތީ, ކުޅުނު 31 މެޗުން ލިބުނު 29 ޕޮއިންޓާއެކު ތާވަލުގެ ފަނަރަވަނައިގައެވެ.