އެމްއެންޔޫގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށާއި ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައިފި ކަމަށް އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަނުން ބުނެފިއެވެ.

އެ ޔޫނިއަނުން މިހެން ބުނީ ރޭ އެފަރާތުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ދަރިވަރުންގެ ކްލާސްތައް ނަގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަން ޖެހިދާނެ ކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހާ ބައްދަލުކޮށް ދަރިވަރުންގެ ޝަކުވާތައް ހިއްސާކޮށްފައިވާނެ ކަމަށެވެ.

އަދި އިއްޔެ ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސްބޭފުޅުންގެ އިތުރުން އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީގެ އިސްވެރިން ވެސް ބައިވެރިވި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ރަނގަޅު ފެސިލިޓީއެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ލިބިފައިވާ ކަމަށާއި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަ ގޮތެއް ނުވާނެ ކަމުގެ އުންމީދު ވަނީ ދެއްވާފައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަށްވެފައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާގައި މަޑުކުރެވޭނެކަމުގެ ޔަގީންކަން އާ ވެފައިވާ ކަމަށާއި ނަމަވެސް މި މައްސަލައިގައި ދާއިމީ ހައްލަކާ ހަމައަށް ދިއުމަށް ވަގުތު ނަގާނެތީ, މިހާރުވެސް އެ ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.