އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވެ, ލީގު ހާސިލުކުރުމާ ފިޔަވަޅެއް ގާތަށް ސިޓީ ޖެހިލައިފިއެވެ.

ފޮރެސްޓްގެ ސިޓީ ގްރައުންޑް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނިކުތް އިރު ސިޓީ އޮތީ ވަރަށް ފޯމުގައެވެ. ސިޓީ, ލީގުގައި އެންމެ ފަހުން ކުޅުނު 18 ލީގު މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އަނެއްކޮޅުން ފޮރެސްޓް މި މެޗަށް ނިކުތް އިރު އެ ޓީމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ފޮރެސްޓް އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗެއްގައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރޭގެ މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ސިޓީއެވެ. ސިޓީގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ކެވިން ޑިބްރުއިނާ ނަގައިދިން ކޯނަރަކުން ޖޮޝްކޯ ގްވާޑިއޮލް ކާމިޔާބު ކޮށްދިން ލަނޑެކެވެ. ގްވާޑިއޮލްގެ ލަނޑާއެކު ސިޓީ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ސިޓީ ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެ ގޮތުން މެޗުގެ 71 ވަނަ މިނެޓުގައި އާލިންގް ހާލަންޑަ ވަނީ ސިޓީގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. މި ލަނޑާއެކު ހާލަންޑް ވަނީ, 21 ލަނޑާއެކު މި ސީޒަނުގައި ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. ސިޓީގެ ދެ ގޯލަށް ފޮރެސްޓްއަށް ރައްދެއް ނުދެވުމާއެކު ސިޓީ ވަނީ މެޗުން މޮޅުވެ, ބަލިނުވާ ރެކޯޑު 19 މެޗަށް އިތުރުކޮށްފައެވެ.

މެޗުން މޮޅުވުމާއެކު ސިޓީ އޮތީ, ކުޅުނު 34 މެޗުން ލިބުނު 79 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 80 ޕޮއިންޓެވެ. ނަމަވެސް ސިޓީ ކުޅެފައިވަނީ އާސެނަލްއަށްވުރެ އެއް މެޗު މަދުންކަމަށް ވާތީ އާސެނަލް ފަހާލައި އެއްވަނައަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.