އިނގިރޭސް ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން 3-0 އިން މޮޅުވެ, ލީގު ހާސިލުކުރުމާ އެއް ފިޔަވަޅު ގާތަށް އާސެނަލް ޖެހިލައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ އާސެނަލްއެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 45 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ކައި ހަވާޓްޒައަށް ބޯންމައުތުގެ ކީޕަރު މާކް ޓްރެވާސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން, ބުކާޔޯ ސާކާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ސާކާގެ މި ލަނޑާއެކު އޭނާ ވަނީ އާސެނަލްއަށް މި ސީޒަނުގައި 20 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސާކާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް އާސެނަލްގެ ފަރާތުން ފެނުނީ އާދަޔާހިލާފު މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ލިއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްގެ ލީޑު ދެ ގޯލަށް އިތުރު ކޮށްދީފައެވެ. އާސެނަލްގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޑެކްލަން ރައިސްއެވެ. މި ލަނޑަކީ, މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ގެބްރިއަލް ޖީސުސް ފަހިކޮށްދިން ފުރުސަތަކުން ރައިސް ކާމިޔާބު ކުރި ލަނޑެކެވެ. ރައިސްގެ ލަނޑާއެކު އާސެނަލް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބޯންމައުތު ބަލިކޮށްފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު އާސެނަލް އޮތީ ވަގުތީ ގޮތުން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާއެކުގައެވެ. އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 79 ޕޮއިންޓެވެ. ނަމަވެސް ސިޓީ ކުޅެފައިވަނީ އާސެނަލްއަށްވުރެ ދެ މެޗު މަދުން ކަމަށް ވާތީ އާސެނަލް ފަހާލައި ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.