ޢިލްމުވެރިންނާއި، އިމާމުންނާއި ޚަތީބުން އިތުރު ތަމްރީނު ހޯދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން 18 ބޭފުޅަކު ސަޢޫދީ ޢަރަބިއްޔާއަށް ފުރާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވެސް ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އިމާމުންނަށް އިތުރު ތަމްރީނު ދިނުމުގެ ފުރަތަމަ ބެޗް މައްކާއަށް ފުރާފައިވަނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރާ ދެވަނަ ބުރު ގައި 18 ބޭފުޅުން ބައިވެރިވެފައިވެއެވެ. 03 މެއި އިން 17 މެއި އަށް ކުރިއަށްދާ މިދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް ޒިޔާރަތްކުރާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ސަޢޫދީ ޢަރަބިއްޔާ، މިޞްރު، މެލޭޝިޔާ، ބްރޫނާއީ އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކަށް ޢިލްމުވެރިންނާއި، އިމާމުންނާއި ޚަޠީބުން ތަމްރީނުތަކަށް މުޅި އަހަރުގެ ތެރޭގައި ފޮނުވުމަށް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ.