ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް ކުރާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ހޯދައި ދިނުމަށް ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޑރ.ޝަހީމް މިގޮތަށް ގޮވާލައްވާފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ން އިންތިޒާމުކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ފަށާފައިވާ، އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައިއެވެ.

ޑރ. މުޙައްމަދު ޝަހީމް މި ސަމިޓުގައި ބައިވެރިވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

ޑރ. ޝަހީމްގެ ގޮވާލައްވާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަ ގެނެސްދިނުމަށްޓަކައި، އދ. ގެ ސަމާލަތީ މަޖިލީހުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާތީއެވެ.

މީގެ އިތިރުން، މިނިސްޓަރ ޝަހީމް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރެއްވުމަށްވެސް އިސްލާމީ ޤައުމުތަކުގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ ޑރ.ޝަހީމް ވަނީ މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލަ ވެސް ސަމިޓުގައި ފާހަގަކުރައްވާފައެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެޤައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ޝައުޤުވެރިވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގައި ބާރުއަޅާ ސުލްޙަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ކަންކަމުގެ މައުލޫމާތު ފެތުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މިނިސްޓަރު މިބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ އިސްލާމިކް ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރީންގެ މެދުގައި މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި،، އުންމަތާ ގުޅޭ އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. އިއްޔެ ފެށި މި ސަމިޓު ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.