ސައުދީ ޕްރޯ ލީގުގައި އަލްވިހްދާ އަތުން 6-0 އިން އަލްނަސްރު މޮޅުވި މެޗުގައި ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 66 ވަނަ ހެޓްރިކު ހަދައިފިއެވެ.

ސައުދީ އަރަބިއާގެ އަލްއައްވަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަލްނަސްރުގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނަލްޑޯއެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ރޮނަލްޑޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ އަލްނަސްރުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. އޭގެ ހަ މިނެޓު ފަހުން އޮޓާވިއޯ ވަނީ އަލްނަސްރުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީ, ފުރަތަމަ 18 މިނެޓު ތެރޭގައި އަލްނަސްރަށް ތިން ގޯލުގެ ލީޑެއް ނަގާދީފައެވެ.

އަލްނަސަރުގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. މި ލަނޑަކީ ސެނެގާލްގެ ހުނަރުވެރި ފޯވާޑު ސާދިއޯ މާނޭ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މާނޭގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 4-0 އިން އަލްނަސްރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ރޮނަލްޑޯ ވަނީ އަލްނަސްރުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށް, އޭނާގެ ކެރިއަރުގެ 66 ވަނަ ހެޓްރިކު ފުރިހަމަކޮށްފައެވެ. އަލްނަސްރުގެ ހަވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މުހައްމަދު އަލްފަތިލްއެވެ. އަލްވިހްދާއަށް މެޗުގައި ސުން ކަނޑާނުލެވުނުއިރު, އަލްނަސްރުގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު އަލްނަސްރު އޮތީ ކުޅުނު 30 މެޗުން ލިބުނު 74 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް އަލްހިލާލްއަށް ލިބިފައިވަނީ 83 ޕޮއިންޓެވެ. ނަމަވެސް އަލްހިލާލް ކުޅެފައިވަނީ އަލްނަސްރަށްވުރެ އެއް މެޗު މަދުން ކަމަށް ވާތީ އަލްނަސްރުގެ މައްޗަށް 12 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އަލްހިލާލަށް އެބައޮތެވެ.