އެމެރިކާގެ އެމްއެލްއެސްގައި ނިއުޔޯކް ރެޑްބުލްސް އަތުން 6-2 އިން މޮޅުވެ އިންޓާ މިއާމީ ތާވަލުގެ އެއްވަނަ ދިފާއުކޮށްފިއެވެ.

މިއާމީގެ ދަނޑު ކަމުގައިވާ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި, ކުރިން ބާސެލޯނާއަށް ކުޅެދިން ދެ ތަރި ކަމުގައިވާ ލުއިސް ސުއަރޭޒް އާއި ލިއޮނަލް މެސީގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ދިޔައެވެ. މިއަދުގެ މެޗުގައި ސުއަރޭޒް ހެޓްރިކެއް ކާމިޔާބު ކުރި އިރު, މެސީ ވަނީ މެޗުގައި އެއް ލަނޑު ކާމިޔާބު ކޮށް ފަސް އެސިސްޓް ފޯރުކޮށްދީފައެވެ. މެޗުގައި މެސީގެ ފަރާތުން ފެނިގެންދިޔަ ހަ ގޯލް އިންވޯލްމެންޓަކީ އެމްއެލްއެސްގެ ރިކޯޑެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިއަދު ދެ ޓީމުން ބައްދަލު ކުރި މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ނިއުޔޯކުންނެވެ. މި ލަނޑަކީ މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުގެ ޑާންޓޭ ވާންޒާ ކާމިޔާބު ކުރި ލަނޑެކެވެ. ޑާންޓޭގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ އެއް ލަނޑު ސުން ލަނޑުން ނިއުޔޯކް ކުރީގައި އޮވެގެންނެވެ.

މިއާމީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި މެޓިއަސް ރޯހާސްއެވެ. އޭގެ ދެ މިނެޓު ފަހުން މެސީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ މިއާމީ ކޮޅަށް އަނބުރާލާފައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ރޯހާސް ވަނީ އޭނާ ގެ ދެވަނަ ލަނޑު ޖަހާ މިއާމީގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ. އޭގެ ހަ މިނެޓު ފަހުން ސުއަރޭޒް ވަނީ އޭނާގެ ފުރަތަމަ ލަނޑު ޖަހާ, މިއާމީގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. ސުއަރޭޒް އޭނާގެ ހެޓްރިކް ކާމިޔާބު ކުރީ މެޗުގެ 81 ވަނަ މިނެޓުގައެވެ.

މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ނިއުޔޯކްއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެމިލް ފޯސްބާގް ކާމިޔާބު ކުރި ލަނޑެކެވެ. ދެވަނަ ލަނޑު ކާމިޔާބު ކުރެވުނު ކަމުގައިވިއަސް ނިއުޔޯކަށް ޖެހުނީ މިއާމީ އަތުން ބަލި ގަބޫލު ކުރާށެވެ.

މެޗުން މޮޅުވުމާއެކު މިއާމީ އޮތީ އެމްއެލްއެސްގެ އީސްޓާން ކޮންފެރެންސްގެ އެއްވަނައިގައެވެ. މިއާމީ އެއްވަނައިގައި އޮތީ ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިންސިނާޓީއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ނަމަވެސް ސިންސިނާޓީ ކުޅެފައިވަނީ މިއާމީއަށްވުރެ އެއް މެޗު މަދުން ކަމަށް ވާތީ ޕޮއިންޓުގެ ގޮތުން މިއާމީއާ އެއްވަރުކުރުމުގެ ފުރުސަތު ސިންސިނާޓީއަށް އެބައޮތެވެ.