ޓެކްނޮލޮޖީ ގެ ވަސީލަތްތަކުން އަހަރަމެންނަށް ދިރިއުޅުން ފަސޭހަކޮށް ދެއެވެ. އެ ޓެކްނޮލޮޖީ އީޖާދު ކުރަނީ ކޮންބަޔެއްކަން އަހަރަމެނަކަށް ނޭނގެއެވެ. އަދި ވަރަށް ގިނަ ފަހަރަށް ހޯދާކަށްވެސް ބޭނުމެއް ނުވެއެވެ.

ވީހުގެ އަހަރުތަކާއި ބައި ފަހަނަޅާފައިވާ ކޮންމެ މީހަކުވެސް ކެސެޓް ޓޭޕެއް ގެންގުޅެފައިވާނެ ކަން ކަށަވަރެވެ. އަދި ހަމައެފަދައިން ވޯކްމޭނެއްވެސް ދެކެފައިވާނެ ކަން ކަށަވަރެވެ. ނޭނގޭ ނަމަ، ކެސެޓް ޓޭޕަކީ ޑިޖިޓަލް ޓެކްނޮލޮޖީއާއި ސީޑީ ޕްލޭޔަރުގެ ކުރިން އިންސާނުން މިއުޒިކާއި ލަވައާއި ރެކޯޑިންގ އަޑުއަހަން ބޭނުން ކުރި ވަސީލަތެވެ.

މި ހާސަރުގެ މަގްސަދަކީ، އަހަރަމެން ފުރައިގެ މީހުންގެ މާޒީ، މިއަދުގެ ޖީލަށް ހަނދާން ކޮށްދިނުމެއް ނޫނެވެ. ނަމަވެސް މީހެއްގެ ޒިކުރާ އާކޮށްލުމެވެ.

ޒިކުރާ އާ ކުރެވޭ މީހާއަކީ، ކެސެޓް ޓޭޕާއި ސީޑީ އަހަރަމެންނަށް އީޖާދުކޯށްދިން މީހާއެވެ. ނެދަރލެންދްގެ ލޯ އޯޓެންސް ވަނީ 94 އަހަރުގައި މިދުނިޔެ ދޫކޮށް ގޮސްފައެވެ. މިދިޔަ 48 ގަޑި ތެރޭގައި ދުނިޔޭގެ މީޑިއާއިން ސަނީ އޭނާގެ ހަނދާންތައް އައު ކުރަމުންނެވެ.

1963 ވަނަ އަހަރު ބަރލިންގައި އޮތް އިލެކްޓްރޯނިކް ކޮންގްރެސްއަށް އޯޓެންސް އޭނާގެ އީޖާދު ހުށަހަޅައި ދިނީ ސިގަރެޓް ފޮށްޓަކަށް ވުރެންވެސް ކުޑަ އީޖާދެއްގައި މިއުޒިކް ރައްކާ ކުރެވޭނެ ކަމަށް ބުނަމުންނެވެ. ކުރީ ޒަމާނުގައި އުޅުނު މީހުން އަޑު ރެކޯޑް ކުރަން ގެންގުޅުނީ، "ސްޕޫލް ރީލް" ތަކެވެ. މިއިން ރީލެއްގެ ބޮޑު މިން މަލާފަތް ތަށްޓަކަށް ވުރެން ކުޑައެއް ނޫނެވެ.

އޯޓެންސް، ލަކުޑިން ހަދައިގެން ގެންގުޅު ސާމްޕަލް އޭނާގެ ޖެކެޓްގެ ޖީބުން ނަގައި ދައްކާލަމުން އޭނާ ބުނަމުން ދިޔައީ މިވަރުގެ ކުޑަ އާލާތެއްގައި މިއުޒިކް ރައްކާ ކުރެވެން ވާނެ ކަމަށެވެ. އޭނާ އެ އާލާތް "ކެސެޓް ޓޭޕް" އީޖާދުކޮށް ދެއްކިއެވެ. އެއިރު އޭނާ އަކީ ފިލިޕްސް ކުންފުނީގައި އިންޖިނޭރެކެވެ.

އޭނާ ލަކުޑީން ހެދި ފުރަތަމަ ނަމޫނާ ސައިޒްގެ ލަކުޑި ކޮޅު، ފިލިޕްސްގެ މިއުޒިއަމްގައި ރައްކާ ކުރެވިފައެއް ނުވެއެވެ. މި މިއުޒިއަމުން ބުނާ ގޮތުން އޭނާގެ ކާރިގެ ފުރޮޅުގެ ޓަޔަރު ބަދަލުކުރުމަށް ޖެކްގެ ދަށަށް ސަޕޯޓަކަށް އޭތިކޮޅު ލެއްވުމުގެ ސަބަބުން ޗިސްޗިސްވެގެން ދިޔައީއެވެ!

ފިލިޕްސް ކުންފުންޏަށް އޯޓެންސް މަޝްވަރާ ދިނީ އެހެން ކުންފުނިތަކަށްވެސް މި އީޖާދު ހިލޭ ބޭނުން ކުރުމަށް ހުއްދަ ދިނުމަށެވެ. މި ފަހު ޒަމާނުގައި ޗައިނާ މީހުން އާ އީޖާދުތައް ކޮޕީކޮށްލާ ގޮތަށް އިހު ޖަޕާނު މީހުން ކޮޕީކޮށް އުޅުނެވެ. އެންހެންވެ، އޯޓެންސްގެ އީޖާދު ޖަޕާނު މީހުން ޑުޕްލިކޭޓް ކޮށް އާންމު ކޮށް އުފައްދައި ގިނަ ކޮށްލިއެވެ.

އެއަށްފަހު 1972 ގައި އޯޓެންސް ބައިވެރިވީ ސީޑީ ނުވަތަ ކޮމްޕެކްޓް ޑިސްކް އީޖާދު ކުރުމުގައެވެ. 12 ސެންޓި މީޓަރުގެ ސީޑީ އަހަރަމެންނާ ހަމައަށް އައީ ފިލިޕްސްއާއި ސޮނީ ގުޅިގެން ކުރި މަސައްކަތުންނެވެ.

1926 ގައި އުފަންވި، އޯޓެންސް ސީޑީއާ ބެހޭ ގޮތުން 2007 ގައި ބީބީސީއަށް ދިން އިންޓަރވިއުގައި 20 އަހަރު ވަންދެން ރަސްކަން ކުރި އޯޑިއޯ ޓޭޕް މަރުވެއްޖެކަމަށް ކަނޑައެޅިއެވެ.