ޗައިނާގެ ކޮމިއުނިސްޓް ޕާޓިގެ ސެކެޓްރީ ހައްޔަރުކުރުމަށް ގޮވާލާ ބިލްބޯޑްތަކެއް ލަންޑަންގައި ބަހައްޓައިފިއެވެ. މި ބިލްބޯޑްތަކުގައ އެދިފައި ވަނީ އުގޫރު މީހުންނާއި ޓިބެޓް މީހުންނާ ދެކޮޅަށް ޗައިނާއިން ހިންގާ ލާއިންސާނީ އަމަލުތަކާ ހެދި ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ސެކެޓްރީ ޗެން ޝުއާންގުއޯ ހައްޔަރު ކުރުމަށެވެ.

ދުނިޔެއަށް އެނގިފައިވާ ގޮތުގައި ޗެން އަކީ، ޗައިނާއިން ޓިބެޓާއި ޝިންޖިއާންގައި އެކުލަވާލާފައިވާ އަނިޔާވެރި ސަލާމަތީ ފިޔަވަޅުތަކުގެ މޭސްތިރިއެވެ. އޭނާގެ ބެލުމުގެ ދަށުން ޝިންޖިއާން ޕްރޮވިންސްއާއި ޓިބެޓްގައި ޖަލުތަކާއި ކޭމްޕްތައް ހަދައި މީހުންގެ ސިކުނޑި ދޮވުމުގެ މަސައްކަތާއި ގަދަކަމުން އެމީހުން ލައްވައި މަސައްކަތް ކުރެވެމުން ދެއެވެ. ޝިންޖިއާންގައި މިލއަން މީހުން ބަންދުކޮށްގެން ގެންގުޅުމަށް ޖަލުތައް ހަދާފައި ވެއެވެ.

ޗެން ޝުއާންގުއޯ އަކީ 19 ވަނަ ޕޮލިޓްބިއުރޯގެ މެންބަރެކެވެ. އަދި މުސްތަގްބަލުގައި ޗައިނާގެ އެންމެ އިސްމަގާމަށް އޭނާ އައުމަކީ އެކަށީގެންވާ ކަމެކެވެ.

ޖުލައި މަހުން ފެށިގެން އިނގިރޭސިވިލާތުން ގެންދަނީ އިންސާނީ ހައްގުތައް ނިގުޅައި ގަންނަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. އިނގިރޭސިވިލާތުން މިހާތަނަށް ދުނިޔޭގެ އެކި ހިސާބުހިސާބުން 49 މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވެއެވެ.

ނޫސްރިޕޯޓްތައް ބުނާ ގޮތުން ޗެން އަކީ މިހާތަނަށް ޓިބެޓާއި ޝިންޖިއާންގައި ވެރިކަން ކުރި މީހުންގެ ތެރޭން އެންމެ އަނިޔާވެރި ވެރި މީހާއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ސިފަ ކުރެއްވިގޮތުގައި ޗައިނާއިން އުއިގޫރު މުސްލިމުންނާ މެދު ކަންކުރާ ގޮތަކީ މި ގަރުނުގައި ޖެހުނު ބޮޑު ލަތްގަނޑެކެވެ.

އެމެރިކާއިން ވެސް ވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ޗެންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އޭނާ ބްލެކް ލިސްޓްކޮށްފައެވެ.