ކީރިތި ޤުރުއާނުގެ 26 އާޔަތެއް އުނިކުރުމަށް އިންޑިއާގެ ސުޕްރީން ކޯޓަށް މުސްލިމަކު ހުށަހެޅި މައްސަލާގައި އިންޑިއާގައި މުޒާހަރާ ކުރަން ފަށައިފިއެވެ. ވެރިކަން ކުރާ ބީޖޭޕީއިން ވެސް ވަނީ ކަޝްމީރުގައި މުޒާހަރާ ފަށްޓާފައެވެ. އަދި އިންޑިއާގެ ބައިމަދު މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ދަ ނޭޝަނަލް ކޮމިޝަން ފޯރ މައިނޯރިޓީޒް އިން ވެސް ވަނީ މިއީ މުސްލިމުންނާ މެދު ނަފްރަތު އުފައްދައި ގައުމު ހަލަބޮލި ކޮށްލުމުގެ އަމަލެއްކަމަށް ބުނެފައެވެ.

ސައްޔިދު ވަސީމް ރިޒްވީ

ސައްޔިދު ވަސީމް ރިޒްވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ކީރިތި ޤުރުއާނުގެ 26 އާޔަތުން ބާރު ލިބިގެން މުސްލިމުން ޓެރަރިސްޓް އަމަލުތައް ހިންގާތީ މިއާޔަތްތައް އުނިކޮށް ދިނުމަށެވެ. ރިޒްވީއަކީ، މިދިޔަ އަހަރާހަމައަށް އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ ޝީއާ ވަޤްފް ބޯޑްގެ ރައީސެވެ.

ބީޖޭޕީން ސްރީނަގަރުގައި މުޒާހަރާ ކުރަމުން ގޮވާލާފައިވަނީ ވަސީމް ރިޒްވީ ހައްޔަރު ކުރުމަށެވެ. ޖައްމޫ އެންޑް ކަޝްމީރުގެ ހައިކޯޓުގެ ބަރ އެސޯސިއޭޝަނުންވެސް ވަނީ އޭނާ ދީނުން ބޭރުވެފައިވާ ކަމަށް ކަނޑައަޅައި އޭނާ އާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ޝީއީން ގިނަ އަދަދަކަށް ދިރިއުޅޭ ލަދާކްއާއި ކަރްގީލްގައި ޝީޢީ ދަންނަބޭކަލުން ނެރެފައިވާ ބަޔާނެއްގައި ވަނީ ރިޒްވީއަކީ ދީނުން ބޭރުވެފައިވާ މީހެއްކަމަށެވެ. އަދި ކީރިތި ޤުރުއާން ބާވައި ލެއްވި ގޮތަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި އަދި އެއަށް އެއްވެސް ފަރާތަކަށް ބަދަލެއް ނުގެނެވޭނެ ކަމަށްވެސް ބުނެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ ރިޒްވީއަކީ ޝީއިންގެ ވަގުފު ބިންތައް ވަގަށް ވިއްކައިގެން އޭނާއާ ދެކޮޅަށް އެތައް މައްސަލައެއް ހިންގިފައިވާ ވަގެއްކަމަށެވެ. އަދި އިންޑިއާ ސަރުކާރުން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ޝީޢީ ދަންނަބޭކަލުން ގޮވާލައްވާފައި ވެއެވެ.

ދަ ނޭޝަނަލް ކޮމިޝަން ފޯރ މައިނޯރިޓީޒް އިން ބުނެފައިވަނީ ރިޒްވީއަކީ ފުރުސަތުގެ ބޭނުން ހިފައިގެން ބޮޑުވާން އުޅޭ މީހެއް ކަމަށެވެ. މި ކޮމިޝަނުން ވަނީ ރިޒްވީއަށް މުސްލިމުންގެ ކިބައިން މައާފަށް އެދުމަށް އަމުރެއް ނެރެފައެވެ. އަދި މައާފަށް ނޭދިއްޖެނަމަ ގާނޫނުލްއުގޫބާތުގެ ދަށުން ގައުމު ހަލަބޮލިކޮށްލުމާއި ދީނުގެ ނަމުގައި ނަފްރަތު އުފެއްދުމާއި ސުލްހަ މަސަލަސްކަން ނަގާލުމުގެ ކުށުގައި ދިނާއީ މައްސަލައެއް ހިންގާނެ ކަމަށް ބުނެފައެވެ.

ރިޒްވީއަކީ ފުރުސަތުގެ ބޭނުން ހިފާ މީހެކެވެ. އޭނާ ވަނީ އިންޑިއާގެ ދީނީ މަދަރްސާތަކަކީ ޓެރަރިސްޓުން އުފައްދާ ތަންތަން ކަމަށް ބުނެ، އެތަންތަން އުވާލުމަށް އިންޑިއާ ބޮޑު ވަޒީރު މޮދީއަށް ސިޓީ ފޮނުވާފައެވެ. އަދި އޭނާ ވަނީ ބާބްރީ މިސްކިތް ހުރި ތާނގައި ފައްޅިއެއް އެޅުމަށް މުސްލިމުން ތާއީކު ކުރާކަމަށްވެސް ބުނެފައެވެ. އަދި މިމަހުގެ ފަހުކޮޅު ރިލީޒް ކުރާ ރާމް ދޭވަތާއާ ބެހޭ ފިލްމެއްވެސް ބޮލީވުޑްގައި އޭނާ ވަނީ ޕްރޮޑިއުސްކޮށްފައެވެ.

މައިނޯރިޓީ ކޮމިޝަނުން ބުނިގޮތުގައި ރިޒްވީއާ ބެހޭ ގޮތުން ސަތޭކައަށް ވުރެން ގިނަ ޝަކުވާ އެކޮމިޝަނަށް ލިބިފައިޥާ ކަމަށެވެ.

ރިޒްވީގެ މަންމައާއި އޭނާގެ އެއްބަނޑު ކުދިންގެ ފަރާތުން ވަނީ ބަޔނެް ނެރެފައެވެ. އޭގައި ބުނެފައިވަނީ ރިޒްވީ ގެ ބޭކާރު ވާހަކަތަކަށް އެމީޙުންގެ ތާއީދެއް ނެތް ކަމަށާއި އާއިލާ އޭނާގެ އަމަލުތަކުން ބަރިއަކަމަށެވެ. އަދި އޭނާއަކީ މުސްލިމެއް ނޫން ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ.

ޝީއީންނާއި ސުންނީން ގުޅިގެން ޔޫޕީގައި ދަނީ މުޒާހަރާ ކުރަމުންނެވެ. ދެ ބައި މީހުން ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރާއި ހޯމް މިނިސްޓަރަށް ފޮނުވި ސިޓީއެއްގައި އެދިފައި ވަނީ ރިޒަވީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ. އަދި އޭނާއާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅައިފިނަމަ ބެލެވޭނީ ސަރުކާރުން އޭނާއަށް ވާގިވެރި ވަނީ ކަމަށެވެ.

އިއްޔެ މުޒާހަރާގައި ވާހަކަ ދެއްކި އިސް ދަންނަބޭކަލުން ވިދާޅުވީ ރިޒްވީގެ އާއިލާއިންވެސް އޭނާއަކީ މުސްލިމެއްކަމުގައި ބަލައި ނުގަންނަނީނަމަ، އޭނާ މުސްލިމުންގެ ގަބުރުސްތާނެއްގައި ވަޅުލެވިގެން ނުވަނެ ކަމަށެވެ. އަދި އެއްވެސް މުސްލިމު ޖަމާއަތަކުން އޭނާއަށް ފުރުަސަތު ދީގެން ނުވަނެ ކަމަށެވެ.

ހުކުރު ދުވަހު، ދިއްލީގެ ޖާމިއާ މަސްޖިދު ސަރަހައްދުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށްވެސް ނިންމާފައި ވެއެވެ.

ދަންނަބޭކަލުން ވިދާޅުވީ ރޯދަމަސް އައުމުގެ ކުރިން މި މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށެވެ،